ޚަބަރު
މިޔަރާއި މަޑިމަސް ވަގަށް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ކަސްޓަމްސްއިން ހާމަކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ބޭރުކުރަން އުޅުނިކޮށް އަތުލައިގަނެވުނު 582 ކިލޯގެ މިޔަރު މަހާއި މަޑިމަސް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ކަސްޓަމްސްއިން 30 ޖެނުވަރީގައި ހާމަކޮށްފިއެވެ. ކަސްޓަމްސްއިން ބުނިގޮތުގައި މި ތަކެތި ބޭރުކުރަން އުޅުނީ “ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް” އެވެ.

ކަސްޓަމްސްއިން 30 ޖެނުވަރީގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ކަސްޓަމްސްއިން ބަލާފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު (ޖުމުލަ 582 ކިލޯ) ފެނިފައިވާ ކަމަށެވެ. މި މައްސަލަ އެ ސަރވިސްއިން މިހާރުވެސް ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެ ތަކެތި ވަނީ ނައްތާލާފައި ކަމަށްވެސް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.

ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން، މިޔަރަކީ ރާއްޖެއިން ބޭރުކުރުން މަނާތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަދި މިޔަރާއި މަޑީގެ ބާވަތްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން ހިފުމާއި ބޭނުން ކުރުމާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުންވެސް މަނާ ބާވަތްތަކެކެވެ.

މި މައްސަލައާ ގުޅިގެން “މިހާރު” ނޫހުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ކަސްޓަމްސްއަށް ފޮނުވި އާރްޓީއައި އަށް ދިން ޖަވާބުގައި ކުންފުނީގެ ނަން ހާމަނުކުރެވޭނެ ކަމަށް ބުނެފައިވީ ނަމަވެސް، މިރޭ ކަސްޓަމްސްއިން ވަނީ އެ ކުންފުނީގެ ނަން ހާމަކޮށްފައެވެ. ކުރިން ކުންފުނީގެ ނަން ހާމަނުކުރީ މިއީ މިވަގުތު ތަޙުޤީޤު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *