ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ހއ. އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުއިއްޒާއެކު ވަޒީރުންނާއި، ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ވެރިންނާއި، ސަރުކާރާ ގުޅުންހުރި މީޑިއާތަކުގެ ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން، އެ ރައްޔިތުންގެ ހާލު ބައްލަވައި، އެންމެ ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވުން ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށްޓަކައި އެކިއެކި މުއައްސަސާތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ ކުރީގެ ވެރިކަމުގައި ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙުކުރައްވައި، އަލަށް ފެށޭ ބައެއް މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައި، އަދި އައު މަޝްރޫޢުތަކެއްގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މީގެ އިތުރުން ކޮންމެ ރަށެއްގެ ރައްޔިތުންނާއި އިދާރާތަކާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.
ދަތުރުފުޅުގެ އެންމެ ފަހު ރަށް ކަމުގައިވާ އުލިގަމުގައި ހުންނަވައި ރައީސް ވިދާޅުވެފައިވަނީ، ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫޢުތައް އަވަހަށް ފެށްޓެވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މި ދަތުރުފުޅަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ސީދާ އަޑުއައްސަވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސް ކުރެއްވި މުހިންމު ދަތުރުފުޅެއް ކަމުގައި ފާހަގަކުރެވެއެވެ.