ޚަބަރު
ހަންކެޑެ ބްރިޖު ހޮނިހިރު ދުވަހު އާންމުކޮށް ހުޅުވައިލަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހަންކެޑެ ވަކިކޮށް، އެ ރަށް ރިސޯޓަކަށް ހަދަން ތަރައްގީ ކުރި ހަންކެޑެ ބްރިޖު އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވައިލަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހަންކެޑެ ބްރިޖު ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި މިއަދު ކުރި ޕޯސްޓެއްގައެވެ. މިނިސްޓްރީގެ ޕޯސްޓުގައި ބުނެފައިވަނީ “އައްޑޫ ސިޓީ ހަންކެޑެ ޑީޓުއާ ލިންކު ރޯޑު، ފެބްރުއަރީ 1، 2025 ވާ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވައިލާނެ” ކަމަށެވެ.

ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު، ހަތަރު ލޭނުގެ މި ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުން ލިބިފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި މަޝްރޫއެކެވެ. މި މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ކުރިން މި ބްރިޖު ހުޅުވުމަށް ތާވަލުކޮށްފައިވާ ތާރީޚުތަކަށް ވަނީ ބަދަލު އައިސްފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެކަން ނުވުމާ ގުޅިގެން ސެޕްޓެމްބަރު 23 އަށް ބަދަލުކުރެވުނެވެ. ނަމަވެސް ނުނިމި ހުރި މަސައްކަތްތަކުގެ ސަބަބުން އެ ތާރީޚަށްވެސް ބްރިޖުށްވެސް ބްރިޖު ހުޅުވުން ލަސްވެފައިވެއެވެ.

ހަންކެޑެ ބްރިޖަކީ ކުރީގެ އެމްޑީޕީ ސަރުކާރުން އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް ގެންގުޅުނު ތަސައްވުރުގެ ބައެކެވެ. މިހާރުގެ ސަރުކާރުންވެސް ވަނީ “އައްސޭރި ޓޫރިޒަމް” ސިޔާސަތުގެ ދަށުން މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފައެވެ.

ހަންކެޑެ ތަރައްގީކުރަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އިންނެވެ. މި މަޝްރޫއުގެ އަގަކީ ގާތްގަނޑަކަށް 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އެވެ. މި މަޝްރޫއުގެ ދަށުން ހަންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރެވޭނެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *