ޚަބަރު
‎ރައީސުލްޖުމްހޫރިއްޔާ، ތަކަންދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
‎ރައީސުލްޖުމްހޫރިއްޔާ، ތަކަންދޫގެ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ، އަދި މުވައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހއ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ތަކަންދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ، އަދި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނުގައެވެ.

‎މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުންވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން ރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރިކުރުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށާއި، އަސާސީ ޚިދުމަތްތައް ކަމުގައިވާ، ފެނާ ނަރުދަމާގެ ޚިދުމަތް އަވަހަށް ލިބުމަށާއި، ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް ބަނދަރުގެ މަޝްރޫޢު ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށަށް އާމްދަނީ ހޯދުމަށް ރަށުގެ އިޚުތިޞާޞްގައި ރަށެއް ހިމަނައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ގެދޮރުވެރިކަމުގެ ކަންބޮޑުވުންތައްވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅުގައި ހިމެނޭ ކަންކަން ކޮށްދެއްވުމަށާއި ކައުންސިލުން ފާހަގަކުރެއްވި، ރައްޔިތުން އެދޭކަންކަން ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.

‎މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންވަނީ ތަކަންދޫގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *