ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބިލްޑިންގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ‘ބައިތުއްޒަކާތު’ ނަމުގައި ހުޅުމާލޭގައި އިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އުންމީދަކީ މިއަހަރު މި އިމާރާތުގެ މަސައްކަތް ފެށުން ކަމަށެވެ. މި އިމާރާތަކީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށްދެވޭ ޒަކާތު ފަންޑުގެ 10 ބުރީގެ ފުރަތަމަ އިންވެސްޓްމަންޓް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މި އިމާރާތުގެ އޮފީސް ބައިތަކުން ލިބޭ ނަފާ ބެހިގެން ދާނީ ޒަކާތުގެ ޙައްޤުވެރިންނަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ޒަކާތު ހައުސް އުފައްދަވާފައި ވަނީ 2023 ގެ ޑިސެންބަރު 18 ވަނަ ދުވަހުއެވެ. މީގެ އިތުރުން މިނިސްޓަރ ޝަހީމް ހާމަކުރެއްވި ގޮތުގައި 2024 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް މުދަލު ޒަކާތް ލިބުނު އަހަރެވެ. މިގޮތުން 101 މިލިއަނަށް ވުރެ ގިނަ ފައިސާ ޒަކާތު ފަންޑަށް ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޒަކާތުގެ ޙައްޤުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.