ޚަބަރު
ހއ. ތަކަންދޫގެ އާސާރީ ތަންތަން ހިމާޔަތްކޮށް، ކަލްޗަރަލް ޓޫރިޒަމް ފުޅާކުރަނީ

ތަކަންދޫގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް، ކަލްޗަރަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތަކަންދޫއަށް ވަޑައިގެން، ރައީސް ވަނީ އެ ރަށުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކުރައްވައިފަ އެވެ. ރައީސްގެ މި ޒިޔާރަތުގައި، ރާއްޖޭގައި ހިރިގަލުގެ މަހާނަގާ އެންމެ ގިނައިން ހުރި ގަބުރުސްތާނު ބައްލަވާލައްވައި، އަލިތަކުރުފާނުގެ ޒިޔާރަތް ވެސް ބައްލަވާލެއްވި އެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، ތާރީހީ ގޮތުން ބަލާއިރު ތަކަންދުއަކީ ސަރުކާރުގެ ގައުމިއްޔަތު ތަރައްގީކުރުމުގެ ސިޔާސަތުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ.

“ގައުމުގެ ތާރީހު ހިމާޔަތް ކުރުމުގެ ސިޔާސަތަށް ބަލާއިރު ވަރަށް މުހިންމު ކަމެއް ދޭން ޖެހޭ، ޔުނިކް ކަމެއް ލިބިގެންވާ ވަރަށް މަދު ރަށްތަކުގެ ތެރެއިން ހިމެނިގެންވާ ރަށެއް މިއީ މި ތާރީހީ ތަންތަނަށް ބަޖެޓުން ހަރަދުކޮށް ހަގީގީ އައިޑެންޓިޓީ ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލަށް ރައްކާތެރިކޮށްދީ، ތާރީހު ދިރާސާކުރާ ކުދިންނާ ރައްޔިތުންނަށް ނަފާ ލިބޭނެގޮތަށް ހިމާޔަތްކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް،” ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަކަންދޫގެ ތާރީހަށް ގައުމީ ފެންވަރެއްގައި ސަމާލުކަންދޭން ޖެހޭތީ، އެކަން މި ސަރުކާރުގެ ސިޔާސަތުގައި ވެސް ކަނޑައަޅާފައިވާ ކަމަށާއި އެފަދަ ރަށްތަކުގައި ހުރި ތަންތަން ހިމާޔަތްކުރަން ބަޖެޓުގެ ތެރެއިން ހޭދަކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، ތާރީހާއި ސަގާފަތަށް ލޯބިކުރާ ޓޫރިޒަމެއް ތައާރަފް ކުރައްވާނެކަން ފާހަގަކުރައްވައި، ތަކަންދޫގައި ކަލްޗަރަލް ޓޫރިޒަމް ފުޅާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“މިފަދަ ތަންތަން ހިމާޔަތްކޮށް، އެ ތަންތަނުގެ ވާހަކަތައް ކިޔައިދެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރެވިއްޖެ ނަމަ އެކަން ވެގެންދާނީ، ތާރީހަށް ލޯބިކުރާ ޓޫރިސްޓުންނަށް ލިބޭނެ ބޮޑު ފުރުސަތަކަށް އެއާ ގުޅުވައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ގޮސް، ރަނގަޅު އިންވެސްޓްމަންޓަކަށް ވާނެ” ރައީސް ވިދާޅުވި އެވެ.

ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ތަކަންދޫގެ ގަބުރުސްތާނަކީ ގާތްގަނޑަކަށް 400 އަހަރު ވެފައިވާ، އާސާރީ ހިރިގަލުގެ 1722 މަހާނަގާ ފެންނަން ހުރި ތަނެކެވެ. މި ތަނަކީ ރާއްޖޭގެ ތާރީހީ އަދި ސަގާފީ ތަރިކައިގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވެއެވެ.

ސަރުކާރުގެ މި މަސައްކަތްތަކަކީ ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް، އެ ތަންތަނުގެ ތާރީހީ އަދި ސަގާފީ އަގު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ނަމޫނާއެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *