ޚަބަރު
ހއ. އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށަން ނިންމައިފި

ރަމަޟާންމަހުގެ ކުރިން ހއ. އިހަވަންދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ  އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އިހަވަންދޫގައި ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ ކުރިންވެސް އާމިނާދިޔޯ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. މީގެ އިތުރުން، އިހަވަންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ވަޢުދުވެވަޑައިގެންފައިވާކަމަށާއި، މިހާރު ކުރިއަށްދާ އެރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވަރަށް އަވަހަށް އިހަވަންދޫގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ވެމްކޯއިން ފަށްޓަވާނެކަމަށާއި، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުނި މެނޭޖުކުރުމުގެ މަސައްކަތް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިހަވަންދޫގައި 200 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެކަމަށާއި، އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން އިހަވަންދޫ ސްކޫލަށް ޖާގަ އިތުރުކުރައްވާނެކަމަށެވެ. އަދި އިހަވަންދޫ ބަނދަރުގައި ހުރި މައްސަލަތައްވެސް ރައްޔިތުން ބޭނުންވާގޮތަށް ހައްލުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ތަރައްޤީގެނެސް ވައުދުތައް ފުއްދާނީ ރައްޔިތުންގެ އިޙްސާސާއި އެއްގޮތަށްކަމަށާއި، މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް އިހަވަންދޫއަށް ވަޑައިގަތުމަށް އުންމީދުކުރައްވާކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *