ހއ. ނާގޯށީގައި ތަރައްގީކުރަން މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފައިވާ ރިސޯޓު ހުޅުވުމަށްޓަކައި ސަރުކާރުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީ، އެ ރިސޯޓު ވަރަަށް އަވަހަށް ހުޅުއްވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ އެ ރަށަކީ އެމްޓީޑީސީއަށް ސަރުކާރުން ދޫކޮށްފައިވާ ވަރަށް ގިނަ އަހަރުތަކެއްވީ ރަށެއް ކަމަށެވެ. އަދި އެތަން ހުޅުވުމަށްޓަކައި ބެންކް އޮފް މޯލްޑިވްސްއިން ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އެހީތެރިވެގެން އެ ރިސޯޓު ވީހާވެސް އަވަހަށް ހުޅުވުމަކީ ސަރުކާރުން މިހާރު ކަނޑައަޅާފައި އޮތް އަމާޒު ކަމަށެވެ.
ނާގޯށީގައި ރިސޯޓު ތަރައްގީކުރަން އެމްޓީޑީސީއާ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ހަވާލުކޮށްފައިވެއެވެ. އެމްޓީޑީސީއާ ނާގޯށި ފުރަތަމަ ހަވާލުކުރީ 25 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ރިސޯޓު ތަރައްގީ ކުރަން ދިން މުއްދަތު ހަމަވިއިރު ވެސް އެ ރިސޯޓު ތަރައްގީ ނުކުރެވުމުގެ ސަބަބުން އެއްބަސްވުން ބާތިލް ކުރިއެވެ.
އޭގެ ފަހުން އަނެއްކާ ވެސް 2017 ވަނަ އަހަރު އެ ރިސޯޓު ތަރައްގީ ކުރަން އެމްޓީޑީސީއާ ހަވާލުކުރިއެވެ. ނަމަވެސް އެ އެއްބަސްވުމުގައި، ކުރު މުއްދަތެއްގެ ތެރޭގައި ދަރަނި ދެއްކުމަށް ބުނެފައި އޮތުމުން އިންވެސްޓަރަކު ނުވެ ރަށް ތަރައްގީ ނުކުރެވުނު ކަމަށް އެމްޓީޑީސީން ބުނެފައިވެއެވެ. އެ ރަށުގައި ރިސޯޓު ތަރައްގީކުރަން ދެން އެކުންފުންޏާ ހަވާލުކުރީ 2020 ވަނަ އަހަރު އެވެ. އެފަހުންވެސް އެ ރަށުގައި ރިސޯޓު ތަރައްގީކުރެވިފައި ނުވެއެވެ.