“މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން ވޮލިއުމް 10” މިއަދު އާއްމުކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގައި ކުރެވިފައިވާ ޞިއްޙީ ދިރާސާތަކުގެ ނަތީޖާތަކާއި ތަފާސްހިސާބު ހިމެނޭހެން ޞިއްޙަތާ ބެހޭ ވުޒާރާގެ ފަރާތުން ކޮންމެ އަހަރަކު އާއްމު ކުރެވޭ ބުލެޓިންއެކެވެ.
“މޯލްޑިވްސް ހެލްތް ރިސާރޗް ބުލެޓިން” ޝާއިޢުކުރުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ހެދޭ ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުން ހޯދުނު މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމެވެ. އަދި ރާއްޖޭގައި ޞިއްޙީ ދިރާސާ ކުރުމުގެ ރޫހު އާލާކޮށް ދިރާސާ ކުރާ ފަރާތްތަކުގެ މަސައްކަތްތައް އަގުވަޒަންކުރުމެވެ.
މިއަހަރު އާންމުކުރެވޭ ރިސާރޗް ބުލެޓިންގައި ރާއްޖޭގައި ހެދިފައިވާ ޞިއްޙީ ދިރާސާތަކުގެ 7 އެބްސްޓްރެކްޓެއް ހިމެނިފައިވާނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާ އިން ބުނެއެވެ. މީގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ޞިއްޙަތު، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުން، ނަފްސާނީ ޞިއްޙަތު، އަދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި އާންމު ޞިއްޙަތާ ގުޅުން ހުރި މަޢުލޫމާތު ހިމެނިފައިވާނެ ކަމަށް ވެސް އެ ވުޒާރާ އިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލްއާއި ގުޅުން ހުރި މައުލޫމާތާއި ޞިއްޙީ ދިރާސާކުރުމުށް ހުއްދަ ދިނުމުގެ މަރުހަލާތަކާއި 2022-2025 އަށް ރާއްޖޭގައި ޞިއްޙީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތައްވެސް މި ބުލެޓިންގައި ހިމެނެއެވެ.
މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ޞިއްޙީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ޞިއްޙީ ދިރާސާކުރުމުށް މަގުފަހިވާފަދަ ވެއްޓެއް ގާއިމްކުރުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެކެވެ.