ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި މިރޭ އައްޑޫ ސިޓީ 2-0 އިން ބަލިކޮށް، ބ. އޭދަފުށިން ޗެމްޕިއަންކަން ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އޭދަފުށިން ވަނީ ކޮންމެ ހާފެއްގައި ލަނޑެއްޖަހައިފައެވެ.
މި މެޗުގައި އޭދަފުށިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް މުޙައްމަދު ފާސިރު (ފާއްޓޭ) ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ފާއްޓޭ މި ލަނޑުޖެހީ ހަމްޒާ މުޙައްމަދު (ހަމްޕު) ނަގައިދިން ކޯނަރެެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
އޭދަފުށިން މި މެޗުގައި ޖެހި ފަހު ލަނޑު، 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
ގޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޭދަފުށީގެ ފާއްޓޭ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އޭދަފުށީގެ ކީޕަރު، ޒީޔަޒަން އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ހާސިލްކުރީ ދ. މީދޫގެ އިބްރާހިމް އިމްރާން އާއި ފުވައްމުލަކު ސިޓީގެ ބިދޭސީ ފޯވާޑް، ކޯފީ އޮވޫސޫ އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ މުބާރާތުގައި އަށް ލަނޑުޖަހައިފައެވެ.