ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއީ މި ދެ މުޢައްސަސާ ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެއްބަސްވެވުނު އެއްބަސްވުމެކެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި، ފަހުމުނާމާގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތަކީ އަބަދުވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއެކީ ގުޅިގެން، އެކުއެކީގައި މަސައްކަތްކުރައްވާ މުއައްސަސާއެއްކަން ފާހަގަކުރައްވައި، ޚާއްސަކޮށް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ލީޑަރޝިޕްގައި މި ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގެ އަމާންކަން ދެމެހެއްްޓުމަށްޓަކައި އަދި ރަނގަޅު ހެޔޮ ފިކުުރު ދެމެހެއްޓުމަށްޓަކައި ދިވެހި ފުުުހުންގެ ޚިދުމަތުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ، އަދި އެހާމެ ބޮޑު ޤައުމީ ޚިދުމަތެއްކަމުގައި ވިދާޅުވެ، މި ވުޒާރާގެ މަސްއޫލިއްޔަކީ އެ މުއައްސަސާއިން ކުރައްވަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ދެއްވުންކަން ފާހަގަކުރެއްވިއެވެ. އަދި މި ވުޒާރާއިން އެ މުވައްސަސާއަށް އަބަދުވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުވަނީ އަރުވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މުޖުތަމަޢު އަމާން މުޖުތަމަޢަކަށް ހެދުމަށް އެ ޚިދުމަތުން ކުރައްވަމުންދާ މަސައްކަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަބަދުވެސް ދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަން ފާހަގަކުރެއްވިއެވެ.
އަދި ފުލުހުންނަކީ ދީނީ ގޮތުން ޤާބިލް ބަޔަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައިވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފުރިހަމަ އެެއްބާރުލުން ލިބިގެންދާނެކަން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ދެއްވާފައިވާތީ އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. މީގެއިތުރުން، އުންމީދަކީ އެކަޑަމިކް ޕްރޮގްރާމްތަކުގައި އޮފިސަރުންނަށް މިހާރަށްވުރެ އިތުރަށް ފުރުސަތުތައް ލިބިގެން ދިއުންކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.