ޚަބަރު
ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި
ޤާނޫނު އަސާސީ އަށް އިސްލާހުގެ ގެނައުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2024 ޑިސެންބަރު 9 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ، ސައިބަރސްޕޭސްގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވެފައިވާތީއާއި، އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ ޢަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ، ސައިބަރކްރައިމްއާއި އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ޤައުމުތަކާއެކު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށް ޓަކައި، ޤާނޫނު ނަންބަރު 2015/2 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

މި ބިލުގެ ދަށުން، އިލެކްޓްރޯނިކް ހެކި ހޯދުމާ ގުޅޭގޮތުންނާއި، ކޮމްޕިއުޓަރ ސިސްޓަމެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވްކުރުމާއި، ޕްރިޒަރވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާ ގުޅޭގޮތުންނާއި، ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާއަށް އެކްސެސްވުމާ ގުޅޭގޮތުންނާއި، ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ޓަކައި އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުންނާއި، ކޮންޓެންޓް ޑޭޓާ އިންޓަރސެޕްޓްކުރުމާ ގުޅޭގޮތުން ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުސޫލުތައް ކަނޑައަޅައި، ޤާނޫނުގެ އެބައިތަކަށް އިޞްލާޙު ގެނެސްފައިވެއެވެ.

އަދި ކޮމްޕިއުޓަރ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަޙްޤީޤުތަކާއި ޝަރީޢަތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ޓަކައި، 7/24 ނެޓްވަރކެއް ޤާއިމުކޮށް، އެ ނެޓްވަރކުން ފޯރުކޮށްދެވޭ އެހީތެރިކަމުގެ ތެރޭގައި ހިމެނޭނެ ކަންކަން މި ބިލުގައި ކަނޑައަޅައިފައިވެއެވެ.

ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޢަމަލުކުރަން ފަށައިފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *