ދެވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ޚާތިމް ޚަލީލް އާއި އައިމިނަތު ވިދާދް ހޯދައިފިއެވެ. މިއީ މި ދެ ކުޅުންތެރިން ވެސް މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މާލޭ ކެރަމް ހޯލްގައި ރޭ ކުޅުނު ފިރިހެނުންގެ ސިންގަލްސް ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން، އިސްމާއިލް އަޒްމީން އަތުން ޚާތިމް ޚަލީލް މޮޅުވީ 2-1 ސެޓުންނެވެ. މިއީ މި އަހަރުގެ މުބާރާތުގައި އަޒްމީން އަތުން ޚާތިމް މޮޅުވި ދެވަނަ ފަހަރެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި އައިމިނަތު ވިދާދް ވަނީ ސީދާ ދެ ސެޓުން އައިޝަތު ފައިނާޒް ބަލިކޮށްފައެވެ. މިއީ މި މުބާރާތުގައި ވިދާދްގެ ދެވަނަ ފައިނަލެވެ. މިދިޔަ އަހަރުގެ ފައިނަލްގައި އާމިނަތު ރަޔާނާ އަތުން ވިދާދް ވަނީ ބަލިވެފައެވެ.
ފިރިހެން ސިންގަލްސް އިވެންޓްގެ ރޭންކިންގ މެޗުތަކަށްފަހު ތިންވަނަ މަގާމަށް ހޮވުނީ އިބްރާހިމް ހުޖާން އަލީ އެވެ. އަންހެން ސިންގަލްސް ތިންވަނަ އަށް ދިޔައީ އާމިނަތު ވިޝާމާ އެވެ.
މި މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ޚާތިމް އާއި އަޒްމީންގެ ޕެއާ ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ ވިދާދް އާއި ވިޝާމާ އެވެ.