މިދިޔަ އަހަރަށްވުރެ ގިނަ ފަތުރުވެރިން މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ، ޓޫރިޒަމް މިނިސްޓަރ، އިބްރާހިމް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ފައިސަލްގެ ޕޯސްޓްގައިވަނީ، 2024 ވަނަ އަހަރުގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލްވުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި ޑިސެންބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް ރާއްޖެއަށް 1,877,567 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ، ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރަށްވުރެ އިތުރުވެފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް ޤައުމަކީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީއެވެ.