ޚަބަރު
ތިނަދޫގައި މީހުން ހަމަނުވަނީސް ސިޓީއެއްގެ ދަރަޖަ ދީފައިވާ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ގދ. ތިނަދޫގައި 10،000 މީހުން ހަމަނުވަނީސް ސިޓީގެ ދަރަޖަ ދީފައިވާ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނިމުނު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައެވެ. ނަމަވެސް ސިޓީއެއްގެ ދަރަޖަ ދިން އިރު ގާނޫނުގައި ބުނާ 10،000 މީހުންގެ އާބާދީ ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ އަތުލުމަށް ހައި ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅާފައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ. މެންބަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއަކުން ނުވަތަ ކޮމިޓީތަކަކުން އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް މިހާރު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނާ ހިލާފު އެތައް ކަމެއް ހިންގި ކަމަށް ތުހުމަތު ކުރާތީ، މައްސަލަ ބަލައިދިނުމަށް އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާ ކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ތިނަދުއަށް ދީފައިވާ ސިޓީގެ ދަރަޖަ އަތުލުމަށް ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނިމުނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް އިބްރާހީމް އެ ރަށަށް ވަޑައިގެން މިދިޔަ އަހަރުގެ އޮގަސްޓުގައެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ ރެކޯޑުތަކަށް ބަލާއިރު ރަށުގެ ރަޖިސްޓްރީގެ ގޮތުގައި ތިބީ 7،906 މީހުންނެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް އިދާރީ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީ އިތުރުވެ، ޖުމްލަ އާބާދީގެ ގޮތުގައި އޮތީ 10،150 މީހުންނެވެ.

މެންބަރު ސައުދުﷲ މަޖިލީހަށް ފޮނުވި ސިޓީގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ، ތިނަދުއަށް ސިޓީގެ ދަރަޖަ ހޯދަން ރަޖިސްޓްރީއަށް ގަޑުބަޑު ކުރީ ބޮޑު ބްލޮކް ގްރާންޓެއް ހޯދައިގެން ވަކި ބަޔަކަށް ވަޒީފާ ދޭން ކަމަށް މެންބަރުން ވަނީ ތުހުމަތު ކޮށްފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *