ރައިސް އޮފީހުން މިއަދު ބުނީ ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ޤަބޫލުކުރައްވާފައިވާ ކަމަށެވެ.
ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މަގާމުގެ ހައިސިއްޔަތުން، އްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ރައީސް ޝުކުރު ވެސް އަދާ ކުރައްވާފައިވެ އެވެ.
“ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް،” ރައީސް ވިދާޅުވި އެވެ. “.ކުރިއަށް އޮތް ތަނުގައިވެސް ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން އަޅުގަނޑު ޔަޤީންކުރަން.”
ރައީސް ވިދާޅުވީ ދުޢާއަކީ، ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުން ކަމަށެވެ.
ރަމީލާ ގެންދަވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެ ކަމަނާ ފަރުވާ ހޯއްދަވަނީ މެޓަސްޓޭޓިކް ސީރަސް ޕެޕިލަރީ ކާސިނޯމާ ކެންސަރަށެވެ.
އެ ބައްޔަށް ޑައިގްނޯޒްވި ވާހަކަ ރަމީލާ ފުރަތަމަ ހާމަކުރެއްވީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭގެ ފަހުން މި އަަހަރުގެ ޖޫންގައި ފަރުވާ އަށް ވަޑައިގަންނަވަން މިނިސްޓަރުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތެވެ.
ޑރ. ރަމީލާ އަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު ކަނބަލުންގެ ތެރެއިން އެއް ކަނބަލެވެ.