ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް އެ ކޯޓު ކުރިން ވެސް ރާވާފައި އޮތް ގޮތުން އެއްމަސް ދުވަހުގެ ރިސެސްއަކަށް ގޮސްފިއެވެ.
ކޯޓުތަކުގެ ގާނޫނުގައި ބުނެފައި އޮންނަނީ ސުޕްރީމް ކޯޓު ރިސެސްގައި އޮންނާނީ ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށެވެ.
ރިސެސްގެ މުއްދަތުގައި ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނުބާއްވާނެއެވެ. ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުން ވަކިވާ ގޮތައް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ އެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން އެވެ.
އެ މައްސަލަ ކޯޓުން ބަލައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި މައްސަލައާ އެކު ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވާއިރު، މައްސަލައިގެ ޝަރީއަތް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު, ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާއި، ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާއި ހިލާފު ކަމަށެވެ.
މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގެނައި ބަދަލު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި, އެއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ އިސްލާހެއް ކަމަށް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
ގާނޫނު އަސާސީއަށް އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އަލީ ހުސެއިން ވަނީ އޭނާ ހުށަހެޅި މައްސަލައިގައި އެދިފައެވެ.
ރައްޔިތުން މަޖިލީހުން ފާސްކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ، ރައްޔިތުންނަށާއި، ގައުމަށް ވަރަށް މުހިންމު އިސްލާހުތަކެއްކަމަށާއި، މި އިސްލާހުތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.