މި ހިނގާ ޑިސެންބަރު ޢުމްރާގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޓްރެކިން ޑިވައިސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޯޕަރޭޝަންގެ ޑެފިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
އުމްރާގައި މިޑިވައިސް ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް ޙައްޖު ކޯޕަރޭޝަނުން ވަނީ މި އަހަރުގެ ޙައްޖުގައި އެ ޓްރެކިން ޑިވައިސް ބޭނުންކޮށްފައެވެ.
ނަމަވެސް ނިމިދިޔަ ޙައްޖުގައި އެކޯޕަރޭޝަނުން މުޅިން އަލަށް ޓްރެކިން ޑިވައިސް ބޭނުންކުރުމުން އޭގެ ހެޔޮ ނަތީޖާ ފެނިފައިވާކަމަށާއ ޓްރެކިން ޑިވައިސްގެ ސަބަބުން ގެއްލޭ މީހުން ވަރަށް އަވަހަށް ހޯދައިގެން ވަރަށް އަވަހަށް ގެނެވޭކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ވިދާޅުވިގޮތުގައި މި މަހުގެ ޢުމްރާ ދަތުރަކީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެންމެ ގިނަ މީހުން އުމްރާއަށްދާ ފަހަރުކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަނުން އުމްރާގައި މުޅިން އަލަށް ޓްރެކިންގ ޑިވައިސް މިދަތުރުގައި ބޭނުންކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
“މިދިޔަ ޙައްޖުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކޮންމެ ޙައްޖު ވެރިއަކަށް ޓެގެއް އަޅުވަމުން ގެންދިޔަ. އޭގެ ނަތީޖާ ރަނގަޅު އިނގޭތޯ. އެއީ ގެއްލޭ މީހުން ހޯދައި ގެނެސް އެމީހުން ހޮޓަލަށް ވައްދަން ވަރަށް ފަސޭހަވެގެންދިޔަ.” އަލީ ވިދާޅުވެފައިވެއެވެ.
ޙައްޖާއި އުމްރާގެ އަޅުކަމަކީ ގިނަ އަދަދެއްގެ މީހުން ޖަމާވާ އަޅުކަމަކަށްވާއިރު ވަރަށް ގިނައިން މީހުން ގެއްލި މަގުއޮޅޭގޮތް ވެއެވެ. އެގޮތުން ވަރަށް ގިނަ ދިވެހިން ގެއްލިގެންވެސް އިއުލާނުކުރެއެވެ.