ޚަބަރު
ހަތަރު ރަށަށްވުރެ ގިނަ ރަށްރަށުގައި ސިންތެޓިކް އެޅުމުގެ އަމާޒު އެބައޮތް: ވަޒީރު ރާފިޢު
ވަޒީރު ރާފިއު. --ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މިހާރު ކަނޑައެޅިފައިވާ ރަށްތަކަށްވުރެ ގިނަ ރަށްރަށުގައި ސިންތެޓިކް ޓްރެކްތައް އެޅުމަށް މަސައްކަތްކުރައްވާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުން ހަމަޖެއްސި 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެރެއިން، ބޮޑުބައި ހަރަދުކުރަން ކަނޑައެޅީ ގަލޮޅު ފުޓްބޯޅަ ދަނޑުގެ ޕްރޮޖެކްޓަށެވެ. އޭގެ ތެރެއިން، ރާއްޖޭގެ ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް ގާއިމްކުރަން ވެސް ކަނޑައެޅި އެވެ.

އެއީ، ޏ. ފުވައްމުލަކާއި ސ. ހިތަދޫ، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި ގާއިމްކުރަން ނިންމި ސިންތެޓިކް ޓްރެކްތަކެކެވެ. މި ޓްރެކުތަކުގެ އަމަލީ ކަންކަން ފަށައި ޕްރޮޖެކްޓް ކުރިއަށް ހިނގައިގަންނަން، މިދިޔަ ތިން އަހަރު މި މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް މިދިޔަ ސަރުކާރުން ކުރިއަކަށް ނުގެންދެ އެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތައް ހޯދައި، އެ ރަށްރަށުގައި އަޅާ ޓްރެކް ދަނޑުތަކުގެ މަސައްކަތް ފަށާފަ އެވެ.

52 ހަފުތާގައި ހާސިލުކުރެވުނު ކަންކަމާ ގުޅޭގޮތުން “ޕީއެސްއެމް ނިއުސް” އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅިވަރު ވަޒީރު ވިދާޅުވީ ސިންތެޓިކް ޓްރެކް އަޅަން މިހާރު ކަނޑައަޅާފައިވާ ރަށް ރަށުގެ އިތުރުން އެހެން ރަށްރަށުގައިވެސް ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ.

އަދި މިހާރު މާލޭ ސަރަހައްދުގައި އަޅާފައިވާ ދެ ސިންތެޓިކް ޓްރެކްއަށް ލިބިފައިވާ ގެއްލުންތައް ބަލައި އެތަންތަން މަރާމާތުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.

“މިހާރު ކަނޑައެޅިފައިވާ ހަތަރު ރަށަށްވުރެ ގިނަ ރަށް ރަށުގައި ޓްރެކް އެޅިގެންދާނެ. މި މަސައްކަތުގެ ތެރޭގައި މާލޭ ސަރަހައްދުގައި އޮތް ދެ ސިންތެޓިކް ޓްރެކްވެސް ދުނިޔޭގެ އެތުލެޓިކްސް ސްޓޭންޑެޑަށް މަރާމާތުކުރެވިގެންދާނެ.” ވަޒީރު ރާފިޢު ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *