ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ “ސްޓާފް ޗެރިޓީ ރަން” މިއަދު ބާއްވައިފިއެވެ.
މިއަހަރުގެ ޗެރިޓީ ރަން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.
މި ފަހަރުގެ ސްޓާފް ޗެރިޓީ ރަން ގައި މާލެ އާއި އަތޮޅުތެރޭގެ ބްރާންޗްތައް ހިމެނޭހެން 300 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މިއަދުގެ ޗެރިޓީ ރަން ގައި ބީއެމްއެލް އިން ވަނީ، ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް 50،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ، މި ފައިސާ ހަދިޔާކުރީ މުޅި ރާއްޖޭގައި ހަކުރުބަލީގެ ފަރުވާ އާއި ހޭލުންތެރިކަމާއި ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަކުރުބައްޔަށް ދޭ ފަރުވާ ކުރިއެރުވުމަށާއި، ހޭލުންތެރިކުރުވުމުގެ މަސައްކަތަށް ކަމަށެވެ.
ބީއެމްއެލް ސްޓާފް ޗެރިޓީ ރަންއަކީ ކޮންމެ އަހަރުކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. ޗެރިޓީ ރަން އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ.
ބީއެމްއެލް މުވައްޒަފުންގެ ކްލަބުން އިސްނަގައިގެން ބާއްވާ މި ހަރަކާތުގެ މަގްސަދަކީ މުޖުތަމަޢު އަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާ، ޖަމާޢަތްތަކަށް އެހީވުމެވެ.