އަދުގެ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އިސްލާމީ ކަންކަމަށް ބަހައްޓަވާ މުހިއްމުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ވުޒާރާގެ ދަށުގައިވާ މުއައްސަސާތައް ހަރުދަނާކޮށް ކުރިއެރުވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަކީ ލިބިލައްވާ އެންމެ ބޮޑު އުފާކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ޒަކާތަށް ހާއްސަ އިދާރާއެއް އުފައްދަވާ އިސްލާމީ ފިޤުހުގެ އަލީގައި މުއައްސަސާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުންކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާކަަމަށެވެ.
ވަޒީރު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުރިއާއި އަޅާކިޔާއިރު ޒަކާތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށާއި، އަހަރެެއްގެ ތެރޭގައި ޒަކާތަށް ޖަމާވާ އަދަދު 100 މިލިއަނާއި ގާތްކުރާ ވަރަށް ކުރިއަށް ގޮސްފައިވާކަމުން އެނގިގެން ދަނީ ޒަކާތަށް އާއްމުންގެ ހޭލުންތެރިކަން އިތުރުވަމުންދާ މިންވަރުކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވި ފަހުން ޒަކާތަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި މި ކޮންފަރެންސްއަކީވެސް އެފަދަ މުހިއްމު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ކޮންފަރެންސްގެ ޒަރިއްޔާއިން ޒަކާތާއި ގުޅޭ ޢިލްމީ މުހިއްމު ވާހަކަތަކެއް ދެކެވި، މުހިއްމު ކަންކަމާއިމެދު މަޝްވަރާ ކުރެވި ޚިޔާލު ބަދަލުކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 (އިންޒެކް 2024) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.