ދިވެހިރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ޖީޑީޕީގެ ނިސްބަތުން ދެގުނަކުރުމަކީ އަމާޒެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު މުނައްވަރު މިހެން ވިދާޅުވީ، އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ތަރައްޤީވާން ޖެހޭ މިންވަރަށް ތަރައްޤީވަމުން ނުދާ ކަމަށް ވެސް ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.
“ފަންސާސް އަހަރުގެ ތާރީޚެއް މިދިޔަ ޓޫރިޒަމް އިންޑަސްޓްރީގައި ދިޔައިރު، މަލްޓި ބިލިއަން (ޑޮލަރުގެ) ޓޫރިސްޓް ރިސޯޓުތައް ހެދިގެން ދިޔައިރު އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީއާ އެއްވަރަކަށް ފައިނޭންޝަލް ސެކްޓަރއެއް ނެތް ބޮޑުވެފައެއް، ފައިނޭންޝަލް ސެކްޓާރގެ އެސެޓްތައްވެސް ނެތް ގްރޯވެފައެއް،” ގަވަރުނަރު ވިދާޅުވި އެވެ.
މިހާރު ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ވަނީ 4 ނުވަތަ 5 އިންސައްތައިގައި ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފައިނޭންޝަލް ސެކްޓަރ ޖީޑީޕީގެ ނިސްބަތުން ދެގުނަ ކުރުމަކީ އަމާޒެއްކަމަށް ވެސް ގަވަރުނަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
“ދެން މިކަމަކީ އަޅުމެންނަށް ރީޗް ނުކުރެވޭނެ ޓާގެޓްތަކެއް ނޫން. މިސާލަކަށް އަޅުގަނޑުމެން ފަދަ ޤައުމެއް ހަމަ މޮރިޝަސް އަކީ، އެ ޤައުމުގެ ޖީޑީޕީގައި ފައިނޭންޝަލް ސެކްޓަރ މިހާރު ހަމަ އެއީ 12 ނުވަތަ 13 އިންސައްތަ،” ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު އިތުރަށް ވިދާޅުވީ، ޖީޑީޕީގައި ފައިނޭންޝަލްގެ ނިސްބަތް ބޮޑުކުރުމަށްޓަކައި އޮންޝޯ އާއި އޮފްޝޯ ބޭންކިންގ ވަރުގަދަ ކުރުމާއި އޮފްޝޯ އަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ތަރައްޤީކުރުމަކީ ބޭނުންފުޅުވެލައްވާ ކަމެއް ކަމަށެވެ.
ގަވަރުނަރު ދެއްކެވި ވާހަކަފުޅުން ފާހަގަވެގެން ދިޔައީ ދިވެހިރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ހަރުދަނާކުރެވޭނެ ކަމާއި އެކަން ކުރުމަށް މިހާރުގެ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމެވެ. އަދި ރާއްޖޭގެ ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ ޕޮލިސީތައް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަން ވެސް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ތެރޭގައި އިސްލާމިކް ބޭންކިންގ ޤާނޫނު ވަރަށް އަވަހަށް ފަރުމާކޮށް ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
“އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ތެރޭގައި އަޅުގަނޑު ވަރަށް އިސްކަމެއް ދޭނަން އިސްލާމިކް ބޭންކިންގ ޤާނޫނަށް، އަޅުގަނޑުމެން ވަރަށް އަވަހަށް ފަރުމާކޮށް ނިންމާލާފަ މަޖިލީހަށް ހުށަހަޅަން.” ގަަވަރުނަރު ވިދާޅުވިއެވެ.