ބޭންކް އޮފް މޯލްޑިވްސްއިން ޝަރީޢާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު މިއަދު ތައާރަފް ކޮށްފިއެވެ.
ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ، ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެކެވެ.
ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗަރ ކާޑު ލިބެން ހުންނަ މި ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައްކުރުމަށް ފަސޭހަކަމާއި އެކު މި ކާޑު ބޭނުންކުރެވޭނެއެވެ.
ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް، ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެއެވެ. ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރ ހޯދުމަށްވެސް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެއެވެ.
“ކަސްޓަމަރުންނަށްދޭ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުޢީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ޕޯރޓްފޯލިއޯއަށް، ވިސާ ކްރެޑިޓް ކާޑު ތައާރަފްކުރުންވެގެންދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.” ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ، ހަސަން ކަލާމް ވިދާޅުވިއެވެ.
ކަލާމް އިތުރަށް ވިދާޅުވީ، ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ހިދުމަތްތަކާއި އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގައު މަތިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގެ އިސްލާމިކް ބޭންކިންގް ދާއިރާއަށް ތަފާތު، އައު ހިދުމަތްތައް ތައާރަފްކުރަމުންނެވެ.
ބޭންކުންވަނީ ރާއްޖޭގެ ފުރަތަމަ ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު މި އަހަރު ކުރީކޮޅު ތައާރަފް ކޮށްފައެވެ.