މިހާރު މާލޭގައި ކުރިއަށް ގެންދާ ގޯލްޑް ކަޕަކީ ރާއްޖޭގެ ފުޓްބޯޅަ އަށް އެއްވެސް ފައިދާއެއް ކުރާނެ މުބާރާތެއް ނޫން ކަމަށް ކްލަބް އީގަލްސް އިން ބުނެފި އެވެ.
ދިވެހި ފުޓުބޯޅަ އަށް އާ ދިރުމެއް ގެނެސް ދިނުމަށް “ނައިންޓީ ޕްލަސް ގޯލްޑް ކަޕް” ގެ ނަމުގައި ހާއްސަ މުބާރާތެއް ފެށީ މި މަހުގެ 22 ގަ އެވެ. އަންނަ މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފޯރި މިހާރު ވެސް ވަނީ ވަރަށް ގަދަވެފަ އެވެ.
އީގަލްސްގެ ފާޑުކިޔުން ގޯލްޑް ކަޕް މުބާރާތަށް އަމާޒުވީ އެ ކްލަބުގެ މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ގެ އުފަން ރަށް އޭދަފުށީ ޓީމަށް އެ މުބާރާތުގައި ކުޅެން އޭނާ ދޫކޮށް ދިނުމަށް އޭދަފުށީ ކައުންސިލުން އެދުމުންނެވެ.
އޭދަފުށީ ކައުންސިލުން އީގަލްސް އަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނީ، ގޯލްޑް ކަޕަކީ ފައިދާއެއް ހުރި މުބާރާތެއް ނޫން ކަމަށެވެ. އެ މުބާރާތުގައި ކުޅެގެން އެއްވެސް ކުޅުންތެރިޔަކަށް ވެސް ފައިދާއެއް ނުވާނެ ކަމަށް ވެސް އީގަލްސް އިން ބުންޏެވެ. އެހެންވެ އެ މުބާރާތުގައި ކުޅެން، ނިޝާމް ދޫކުރެވޭނީ އޭނާގެ ރިލީޒް ފީގެ ގޮތުގައި، އީގަލްސް އަށް 200،000.ރ ދެއްކުމުން ކަމަށް ސިޓީގައި ވެ އެވެ.
ގޯލްޑް ކަޕް އިއުލާން ކުރި ދުވަސްވަރު ވެސް އީގަލްސްގެ ނައިބު ރައީސް މުފާވިޒް ހާޝިމް (މުފާ) ނިޝާމާ ބައްދަލުކޮށް، އެ މުބާރާތުގައި ނުކުޅެވޭނެކަން މާކުރިން އެންގި ކަމަށް ސިޓީގައި ވެ އެވެ.
“މި ކްލަބުން ގަބޫލު ކުރާގޮތުގައި ގޯލްޑް ކަޕް 2024 އަކީ މި ގައުމުގެ ފުޓްބޯޅަ އަށް އެއްވެސް ފައިދާއެއް ކުރާނެ މުބާރާތެއްގެ ގޮތުގައި ނުދެކެމެވެ. އަދި އެއްވެސް ކުޅުންތެރިޔަކަށް ވެސް ތި މުބާރާތުން ފައިދާއެއް ވާނެ ކަމަކަށް މި ކްލަބުން ގަބޫލެއް ނުކުރަމެވެ،” އީގަލްސްގެ ޖެނަރަލް ސެކްރެޓަރީ ސައީދު އަލީ ސޮއިކޮށްފައިވާ ސިޓީގައި ވެ އެވެ.
އޭދަފުށީ ކައުންސިލްގެ އޮފިޝަލަކު ވަނީ އެ ސިޓީ އެ ކައުންސިލަށް ލިބިފައިވާކަން ކަށަވަރުކޮށް ދީފަ އެވެ. އެ ރަށު ޓީމުގެ އޮފިޝަލަކު ވެސް ބުނީ އެ ސިޓީގެ ކޮޕީއެއް އެ ޓީމަށް ވެސް ލިބިފައިވާ ކަމަށެވެ.
ކްލަބްތަކުން ކުޅުންތެރިންނަށް ކުރާ ހޭދައަކީ، އެކަމުގައި ނޫޅޭ މީހުންނަށް ވަޒަންކޮށްލަން ވެސް ނޭނގޭ ވަރުގެ ބުރަ ހޭދައެއް ކަމަށް އީގަލްސް އިން ބުންޏެވެ.
އެކަމަކު އެ ކްލަބުން ވެސް ކުޅުންތެރިންނަށް ގަވާއިދުން މުސާރަ ނުދޭ މައްސަލަ ވަނީ ފެންމަތި ވެފަ އެވެ.