ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ޒަކާތު މަހާސިންތާ ފަށައިފިއެވެ.
މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ.އަލީ ޒާހިރު ބިން ސައީދު ގާސިމެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ.އަލީ ޒާހިރު ވިދާޅުވީ ޒަކާތުގެ ކަންކަން ރަނގަޅަށް ބައްޓަން ކުރުމަށްޓައި މުހިންމު ޚިޔާލުތައް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޒަކާތު ފަންޑުން ރަނގަޅަށް މެނޭޖްކުރުމަކީ ދުވަހުން ދުވަށް ފަގީރުންގެ ލިސްޓުގައި ތިބި މީހުންގެ އަދަދު މަދުވާނެ ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.
“ރާއްޖޭގައި ޒަކާތް ދޭ އަދަދު އިތުރުވަމުން ދިޔަނަމަވެސް އަދިވެސް ޒަކާތް ދެއްކުން އިތުރުކުރަންޖެހޭ. މިކަން ކުރުމަށް ހޭލުންތެރިކަން އިތުރުކުރަންވެސް ޖެހޭ”، ޑރ.ޒާހިރު ވިދާޅުވިއެވެ.
މި މަހާސިންތާގެ އަމާޒަކީ، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ މައިދާނަށް ފެތޭ ގޮތަށް، އަވަސް އަދި ފަސޭހަ ގޮތަކަށް ޚިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ގާއިމުކޮށް، މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދިނުމެވެ. މި މަހާސިންތާގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
ރާއްޖޭގެ އެކި މުއައްސަސާތަކާއި، މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން މި މިހާސިންތާގައި ބާއިވެރިވާއިރު، ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީއިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސާއި އިގްތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ހަތަރު ކީނޯޓް ސްޕީކަރުންގެ ވާހަކަދެއްކެވުމާއި ހަތަރު ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މަހާސިންތާ ކުރިއަށް ދާނީ މިރޭގެ ނިޔަލަށެވެ