ޚަބަރު
ނަޝީދު، ވަގުތީގޮތުން ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދު، ސިޔާސީ ކަންކަމުން މިވަގުތަށް ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާންކުރައްވައިފިއެވެ.

ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ބަޔާނުގެ ބޭނުމަކީ އެ މަނިކުފާނު އަހަރުތަކެއް ވަންދެން ސިޔާސީ މައިދާނާ ދުރަށް ޖެހިވަޑައިގަންނަވާކަން ހާމަކޮށް ނެރޭ ބަޔާނެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވާނެކަން ކުރިން ދަންނަވާފައިވާނެ ކަމަށާއި އެ މަނިކުފާނު މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މައްޗަންގޮޅި މެދުދާއިރާގެ މެމްބަރުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އަޅުގަނޑު އެންމެ ބޮޑަށް މަސައްކަތްކުރީ، ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާކުރުމުގެ މަސައްކަތެވެ. ދިވެހިރާއްޖެއަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތައް އިހުތިރާމުކުރާ އަދި ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ރާއްޖެ ހެދުމުގެ މަސައްކަތެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަންކަން މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް އަށަގެންފައެވެ..،” ނަޝީދު ވިދާޅުވިއެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *