އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ލާޒިމުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.
މީގެކުރިން އޯ ލެވެލް މޮކް އެގްޒާމުގައި ފާސްވާ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކައިދޭ ނަމަވެސް، އޭރު އޮންނަ ގޮތުން މޮކް އެގްޒާމްގައި މަޖުބޫރު މާއްދާތަކުން ވެސް ފާސް ނުވެއްޖެނަމަ އޯލެވެލް އިމްތިހާނުގައި ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ. އެހެން ނަމަވެސް، މިހާރު ވަނީ އެކަން ބަދަލުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލްތަކަށް އެންގެވި އެންގުމެއްގައި ވަނީ މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސީގައި ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އެ މާއްދާތަކަށް ފައިސާ ދައްކައިދޭނީ ސަރުކާރުން ކަމަށް ވެސް އޭގައިވެއެވެ.
އޭގެ އިތުރުން އެންގުމުގައި ވަނީ އެ ނޫން މާއްދާތަކުގައި އަމަލުކުރަންވާނީ ކުރިންވެސް އަމަލުކުރަމުންދާ އުސޫލަށް ކަމަށެވެ.