ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 23.7 ބިލިއަން ރުފިޔާއާއެކު މިއަހަރުގެ އާމްދަނީ 31.1 ބިލިއަނަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 28 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 31.1 ބިލިއަނަށް އަރާއިރު މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރި ހަރަދުތައް 42.8 ބިލިއަނަށް އަރަ އެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި 5.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 951.8 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 11.2 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 581 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މިއަހަރުގެ އާމްދަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 1.3 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ނޮވެމްބަރު 28 ގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 30.7 ބިލިއަން ރުފިޔާއެވެ.
ނޮވެމްބަރު 28 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 42.8 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 30 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.