ޚަބަރު
ތިނަދޫގައި ޤާއިމްކުރާ މަސް ފެކްޓްރީ އަންނަ އަހަރު ހުޅުވަނީ

ގދ.ތިނަދޫގައި ޤާއިމް ކުރަމުން އަންނަ މަސް ފެކްޓްރީ 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި ޚިދުމަތް ދޭން ފެށޭނެކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. މި ފެކްޓްރީ ހުޅުވުމަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ.

މިފްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ ތެރޭގައި އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ. މިއީ މަސްވެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަންނަ އަހަރަށް ނިންމައި މަސް ގަންނަން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

މީގެއިތުރުން، މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރު ކޫއްޑޫގެ މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމަށް މިފްކޯއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެތެރޭގައި، ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުމާއި، ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެލިވަރު ކޭނަރީގެ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މި އޮގަސްޓް މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިފްކޯއިން ފާހަގަކުރި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ މަސްވެރި ސިނާއަތާއި މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި އަދި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިފްކޯއިން އުންމީދު ކުރެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *