ޚަބަރު
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ވެރިކަމުގެ މުއްދަތު ދަންމާލުން މުހިންމު: އުއްޗު
ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ވެރިކަމުގެ މުއްދަތު ދަންމާލުން މުހިއްމުކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

ޔޫޓިއުބް ޗެނަލް “ދެނޯ” ގެ އެޕިސޯޑެއްގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން ބޮޑެތި ވިޔަފާރިތައް ކާމިޔާބުކަމާއެކު ހިންގަވަމުން ގެންދަވާ އުއްޗު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެންމެ ރަނގަޅު އެއް ނިންމުމަކަށް ވާނީ ވެރިކަމުގެ ދައުރު ދަންމާލުން ކަމަށެވެ.

އުއްޗު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކަށް ލިބޭ 5 އަހަރުގެ މުއްދަތަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް އެކަށީގެންވާ މުއްދަތެއް ނޫނެވެ. މިހާރު ވަނީ ލޯނުތައް ނަގައިގެން ކަންކަން ކުރަންޖެހިފައިވާ ހާލަތަކަށް ގޮސްފައި ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން ނަގާ ލޯނާ ނުބައްދަލު ހަރަދުތަކެއް ދައުލަތުގެ ބައިތުލްމާލުން ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްޗު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭރު ޤައުމުތަކުން ދޭ ލޯނުތަކަކީ ސީދާ ނަގުދު ޑޮލަރުގެ ގޮތުގައި ރާއްޖެއަށް ލިބޭ ފައިސާއެއް ނޫނެވެ. “އަވައްޓެރި ޤައުމުތަކުން ދޭ ލޯނުތައް ވަކި މަޝްރޫޢުތަކަކާ ގުޅުވައި، އެ ޤައުމުތަކުގެ މަސައްކަތްތެރިންނަށް ޑޮލަރުން ފައިސާ ދައްކަންޖެހުމުގެ ސަބަބުން ރާއްޖެއަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް އަނެއްކާވެސް ބޭރުވެގެންދޭ” އެމަނިކުފާނު ވިދާޅުވިއެވެ.

އުއްޗު ދެކިވަޑައިގަންނަވާ ގޮތުގައި ވެރިއަކަށް ހަމަޖެހިލައިގެން ޤައުމު ހިންގޭނީ ވެރިކަމުގެ މުއްދަތު 10 ނުވަތަ 15 އަހަރަށް އިތުރުކޮށްގެންނެވެ. ރާއްޖޭގެ ޚާއްސަ ހާލަތަށް ބަލާއިރު، މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މުއްދަތެއް ބޭނުންވާކަމަށާއި، މިހާރުގެ 5 އަހަރުގެ ދައުރަކީ މާ ކުރު މުއްދަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *