ޚަބަރު
މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މުޅި މާލެއާއި ހުޅުމާލެ ބްލެކްއައުޓަކަށް ދިޔަތާ ހަފުތާއެއް ނުވަނީސް، މިއަދު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން މިކަމާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވީ ނަމަވެސް، ޚިދުމަތް އަލުން ފޯރުކޮށްދެވޭނެ ވަގުތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި އާންމުން ކޮށްފައިވާ ޕޯސްޓުތަކުން އެނގޭ ގޮތުގައި ކަރަންޓު ކެނޑިފައިވަނީ މެންދުރުފަހު 12:40 ހާއިރުއެވެ. އަދި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ވެސް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަން ފާހަގަކޮށްފައިވެއެވެ.

މިއީ މާލެ ސަރަހައްދުގައި މިފަހަކަށް އައިސް ކަރަންޓު ކެނޑުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ދިމާވި އިތުރު މައްސަލައެކެވެ. މީގެ ކުރިން، މިދިޔަ ހޮނިހިރު ދުވަހު ވެސް މުޅި މާލެއާއި ހުޅުމާލެ ބްލެކްއައުޓަކަށް ގޮސްފައިވެއެވެ. އެ ދުވަހު ހެނދުނު 9:30 ހާއިރު ކަރަންޓު ކެނޑުނު އިރު، 10:17 ހާއިރު އަލުން ކަރަންޓު ދޭން ފަށައި، މުޅި މާލެއާއި ހުޅުމާލެއަށް އެއްކޮށް ކަރަންޓު ދީ ނިމުނީ މެންދުރު 12:13 ގައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަތައް މިހާ އަވަސް އަވަހަށް ތަކުރާރުވަމުން ދިއުމާ ގުޅިގެން، ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މި މައްސަލަތައް ދިމާވަމުންދާ ސަބަބާ ގުޅޭގޮތުން ސްޓެލްކޯއިން އަދި ތަފްސީލީ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *