މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 73 މިލިޔަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ޖުލައި މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 66 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ހަމައެކަނި ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ލިބިފައިވަނީ 15 މިލިޔަން ރުފިޔާއެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ފަރުޟު އަޅުކަމެކެވެ. މިގޮތުން އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ ހިޖުރީގޮތުން އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް މުދަލު ޒަކާތް ނެރުމަކީ ވާޖިބު ކަމެކެވެ. އަދި އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލު ޒަކާތް ދެއްކިދާނެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ އޭޕްރީލް މަހު ގެނައި އެންމެ ފަހުގެ ބަދަލާއެކު، މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9,264.15 ރުފިޔާއެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ބަލަނީ ރަންރިހީގެ އަގަށް ކަމުން، ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މި އަދަދަށް ބަދަލު އަންނަމުންދެއެވެ.
މުދަލު ޒަކާތް ވާޖިބުވާ ފަރާތްތަކުން އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ، ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރެންޖެހެއެވެ.
ކިޔުންތެރިންގެ ޚިޔާލު