ޚަބަރު
މާލޭގައި ބަނގުރާ އުފައްދާ “ފެކްޓްރީއެއް” ހޯދައި، ތިން ބިދޭސީން ހައްޔަރުކޮށްފި

މާލޭގައި ހިންގަމުން އައި “ބަނގުރާ އުފައްދާ ފެކްޓްރީއަކުން” 507 ފުޅި ބަނގުރަލާއި، ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއެކު ތިން ބިދޭސީން ރޭ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ މީހަކާއި އިންޑިއާގެ ދެ މީހުންނެވެ.

ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މ.ރަންފިޔަ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއެވެ. ފުލުހުން އެތަނަށް ވަތްއިރު، ބަނގުރާ ކައްކައި، ތައްޔާރުކޮށް، ކޭސްތަކުގައި ބަންދުކޮށްފައި ހުރި މަންޒަރު ފެނުނެވެ.

އެޕާޓްމަންޓްގެ އެއް ކޮޓަރީގައި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއި އާލާތްތައް ހުރިއިރު، ދޮޅު ފޫޓު ނުވަތަ ދެ ފޫޓުގެ ދެ ޕްރެޝަރ ކުކަރު ގޭސް އުނދުނަކަށް އަރުވާފައި ހުއްޓެވެ. މީގެ އިތުރުން، ބޮޑެތި ބާލިދީތަކުގައި މޭވާ ކުނިކޮށް، ބަނގުރާ ބަންދުކުރުމަށް ބޭނުންކުރާ ސާމާނުވެސް އެތަނުން ފެނުނެވެ.

ފުލުހުން ބުނީ މި ފެކްޓްރީން އުފައްދާ ބަނގުރަލުގެ ފުޅިއެއް ވިއްކަމުން ގޮސްފައިވަނީ 150 ރުފިޔާއަށެވެ. ރޭ އަތުލައިގަތް ބަނގުރަލުގެ އަގު އެކަނި 75,000 ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތި އެ ސަރަހައްދުގެ ކަންމަތީ ފިހާރަތަކުން ވެސް ވިއްކާފައި ވެއެވެ.

ފުލުހުން މިހާރު ވަނީ ބަނގުރާ ކައްކަން ބޭނުންކުރި ސާމާނާއި، ބަނގުރާ އަޅާފައި ހުރި ފުޅިތައް ފުލުހުން ބެލުމުގެ ދަށަށް ގޮސްފައެވެ. އެޕާޓްމަންޓުން ފުލުހުން ވަނީ ޕިކަޕެއްގެ ސާމާނު ނެރެފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *