ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް މިއަދު ހުޅުވައި، ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށައިފި އެވެ. މި އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވީ މިހާރު އެ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އިމިގްރޭޝަން އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮފީހުން ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ދޫކުރުމުގެ ހިދުމަތުގެ އިތުރުން، އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ވެސް މިއަދުން ފެށިގެން ލިބެން ހުންނާނެ އެވެ.
ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އެ އޮފީހުން ދޫކުރި ފުރަތަމަ ޕާސްޕޯޓު ވެރިފަރާތާ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އޭދަފުށީގައި މިއަދު ހުޅުވި އިމިގްރޭޝަންގެ އޮފީހަކީ ސަރުކާރުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އެ އަތޮޅުގައި ފެށި ފުރަތަމަ ހިދުމަތެވެ. މި ހިދުމަތް ފެށުމާ އެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމަށް މާލެ އައުމުގެ ބުރަ ލުއިވެގެންދާނެ އެވެ.