ބ. ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށްޓަކައި މޯލްޑިވިއަން އާއި ހޯކްސް ހޮޓެލް އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވިއެވެ. މި ރަސްމިއްޔާތަކީ ރައީސް މުއިއްޒު ބ. އަތޮޅުގެ 13 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ ރަށް ކަމަށްވާ ކަމަދޫގައި ބޭއްވުނު ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. އަދި ހޯކްސް ހޮޓެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމާން އެވެ.
ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމުން، އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ރަށުގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.