ޑޮލަރުގެ ދަތިކަމުގެ މައްސަލައާ ގުޅޭގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއާ ބައްދަލުކުރާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ގަވަރުނަރު އަހުމަދު މުނައްވަރު އެދިލެއްވުމުން މިއަދު ސިއްރުކޮށްފިއެވެ.
ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވި ގޮތުގައި، ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސްއެވެ. މި ހުށަހެޅުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ ތާއީދުކުރައްވާފައެވެ.
ނަމަވެސް، ކޮމިޓީ ސިއްރުކުރުމާ ދެކޮޅަށް ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، “މުޅި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ނުފެންނަ”ކަމަށެވެ. އެއީ ޑޮލަރުގެ ދަތިކަމުގެ މައްސަލައިގައި އާންމުންގެ އެތައް ކަންބޮޑުވުމެއް ހުރުމުންނެވެ. އެހެންނަމަވެސް، ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން ވަނީ ބައްދަލުވުން ސިއްރުކުރުމަށް ނިންމާފައެވެ.
މިވަގުތު ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20 ރުފިޔާއަށް އަރާފައިވާއިރު، މިކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރަމުންދެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން، ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. މިހެންވުމުން، ވިޔަފާރިތަކުން ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުގެ ސަބަބުން ތަކެތީގެ އަގު ވަނީ މައްޗަށް ގޮސްފައެވެ.
މި ނާޒުކު ދަނޑިވަޅުގައި ގަވަރުނަރު ހަނުހުންނެވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެމްޑީޕީން ވެސް ވަނީ ތަކުރާރުކޮށް އެމްއެމްއޭއަށް ގޮސް، ގަވަރުނަރާ ބައްދަލުކުރަން މަސައްކަތްކޮށްފައިވީ ނަމަވެސް، ގަވަރުނަރާ ބައްދަލުނުވެވުމާ ގުޅިގެން، ގަވަރުނަރު އާންމުންނަށް ފިއްލަވަނީ ކަމަށް ބުނެ އެމްޑީޕީން ވަނީ ނުރުހުން ފާޅުކޮށްފައެވެ.