ޚަބަރު
ބްލެކްމެއިލްކޮށްގެން ތިން ލައްކަ ރުފިޔާ އަތުލައިފި

އޮރިޔާންކާޑު ހުރި ކަމަށް ބުނެ މީހަކަށް ބްލެކްމެއިލްކޮށްގެން އޭނާގެ އަތުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީ (32 އަހަރު) އާއި މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33 އަހަރު) އެވެ. މި ދެ މައްސަލަ ބަލަމުން ގެންދަނީ ވަކިވަކިންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ފަވާޒު ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް، ބިރުދައްކައި، ފައިސާ ހޯދި މައްސަލައިގައާއި މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭތީއެވެ. އަދި ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭތީއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހުއެވެ. “އޮރިޔާންކާޑު ހުރި ކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި، ބްލެކްމެއިލްކޮށް، އެކި ދުވަސްމަތިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވޭ،” ފުލުހުން ބުންޏެވެ.

ތަހުގީގުގެ ތެރެއިން ފަވާޒު ދިރިއުޅޭ ހުޅުމާލޭ އެޕާޓްމަންޓް ކޯޓު އަމުރަކާއެކު ބަލައި ފާސްކުރިއިރު، ސިމް ކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އަދި ފައިނާޒް ލައިގެން ހުރި އަންނައުނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *