ޚަބަރު
ޝަހީދުގެ ނަން އަނބުރާ ނަގަން ހުށަހަޅުއްވައިފި
ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު، އެ މަގާމަށް އޭނާގެ ނަން އަނބުރާ ނެންގެވުމަށް މިއަދު ވަނީ ހުށަހަޅުއްވާފައެވެ.

ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީއެއްގައި ޝަހީދު ވިދާޅުވެފައިވަނީ، އޭނާގެ އެޕްލިކޭޝަން ބާތިލްކުރަން ހުށަހެޅުއްވީ، އޭނާއަކީ މިހާރުވެސް ސިޔާސީ ބޭފުޅެއްގެ ގޮތުގައި ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާމެދު އާންމުންގެ ހިތުގައި ސުވާލު އުފެދުމަށް ޖާގަ ނުދިނުމަށް ކަމަށެވެ.

ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،” ޝަހީދު ވިދާޅުވިއެވެ.

ޝަހީދުގެ މި ނިންމެވުމާއެކު، އޭނާ ވެވަޑައިގެންފައިވަނީ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމުމަށްފަހު، ނަން އަނބުރާ ގެންދެވި ފުރަތަމަ ފަރާތަށެވެ. އަދި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށްވެސް ޖޭއެސްސީއަށް އަންގަވާފައިވެއެވެ.

މީގެ އިތުރުން، ހައި ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރުން ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް މިއަދު ވަނީ އެ ކޯޓުން ބަލައިގަނެފައެވެ. ނަމަވެސް، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *