ޚަބަރު
ސިފައިންގެ ތަމްރީންތަކެއް ގިރިފުއްޓާއި ހުޅުމާލެ ކައިރީގައި ކުރިއަށްގެންދަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދެ ސަރަހައްދެއްގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. މި ތަމްރީނުތައް ކުރިއަށްގެންދާނީ ކ.ގިރިފުށްޓާއި ހުޅުމާލެ ކައިރީގައެވެ.

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، ގިރިފުށީގައި ކުރިއަށްގެންދާ ތަމްރީނުތައް އޮގަސްޓް 2 އިން 5 އަށް ކުރިއަށްދާނެއެވެ. މި ތަމްރީނުތައް ކޮންމެ ދުވަހެއްގެ ހަވީރު 6:30 އިން ރޭގަނޑު 11:59 އަށް ކުރިއަށްދާއިރު، ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށީގެ ހުޅަނގު ދެކުނަށް 5,400 މީޓަރު ދުރުމިނަށް، 200 މީޓަރުގެ އުސްމިނުގައެވެ.

ހުޅުމާލެ ސަރަހައްދުގައި ކުރިއަށްގެންދާ ތަމްރީނުތައް އޮގަސްޓް 11 އިން 17 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ހަވީރު 5:30 އަށެވެ. އަދި މި ތަމްރީނުތައް ކުރިއަށްގެންދާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި، ބަޑީގެ ވަޒަން ދަތުރުކުރާނީ 5,000 މީޓަރު ދުރުމިނަށް، 300 މީޓަރުގެ އުސްމިނުގައި ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ތަމްރީނުތަކާ ގުޅިގެން އެ ސަރަހައްދުތަކުގައި ދަތުރުކުރާ އުޅަނދުފަހަރާއި، އާންމު ރައްޔިތުން ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ ތަމްރީނުތަކަކީ ސިފައިންގެ ޤާބިލުކަން އިތުރުކޮށް، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މުހިންމު ތަމްރީނުތަކެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *