ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ސްކޭމް މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން މިއަދު އިލްތިމާސްކޮށްފި އެވެ.
ސައިބާ ކްރައިމް ޑިޕާޓްމަންޓުން މައުލޫމާތު ދެމުން ބުނެފައިވަނީ، މި ސްކޭމް ލިންކަށް ފިތައިފިނަމަ ގޫގުލް އެކައުންޓަށް ލޮގިންވުމަށް އަންގާނެ ކަމަށާއި، އެގޮތަށް ލޮގިންވެއްޖެނަމަ އެ މީހެއްގެ ޕާސްވޯޑްތައް ސްކޭމް ކުރާ ފަރާތަށް ލިބޭނެ ކަމަށެވެ. އަދި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ގޫގުލް އެކައުންޓްގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހަދައި، ސެކިއުރިޓީ ވަރުގަދަ ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ސައިބާ ކްރައިމް ޑިޕާޓްމަންޓުން ހާއްސަ އިންޒާރެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގެދޮރުވެރިޔާ ޕޯޓަލުން އެއްވެސް ލިންކެއް ނުފޮނުވާނެ ކަމަށެވެ. އެއީ އީ-ފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެއްކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކޮށް، މިފަދަ ސްކޭމް ލިންކެއް ލިބިއްޖެނަމަ ލަސްނުކޮށް 911 އަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. މިފަދަ ސްކޭމްތަކަކީ އާންމުކޮށް ޖަލުގައި ތިބޭ ކުށްވެރިން ކުރާ ކަމެއްކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ ތަހުގީގުތަކުން ދައްކާގޮތުގައި، އެ ދުވަސްވަރެއްގެ އެންމެ މުހިންމު ކަންކަމާ ގުޅުވައިގެން ސްކޭމް މެސެޖުތަކާއި ކޯލްތައް ކޮށްގެން މީހުންގެ އަތުން ފައިސާ ފޭރުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާ ކަމެކެވެ. މިކަމުން ރައްކާތެރިވުމަށް އާންމުން ވީހާވެސް ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.