ޚަބަރު
ރައީސަށް މަރުގެ އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލާގައި ރޭ ހައްޔަރުކުރި މީހާގެ ބަންދު މުއްދަތު ކޯޓުން މިއަދު ވަނީ 10 ދުވަހަށް އިތުރުކޮށްފައެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ އެވެ. އޭނާ ހައްޔަރުކުރުމާއެކު އޭނާގެ މޮބައިލް ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަސީހު މަރުގެ އިންޒާރު ދިނުމުގެ މައްސަލަ ކުރިމަތިވީ، މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް ރައީސް މުއިއްޒު ބޭނުންފުޅުވާކަން ހާމަކުރެއްވުމާ ގުޅިގެންނެވެ. މި ޚަބަރު ޝެއާކޮށް މަސީހު ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވައި، “އެންމެ ފުރަތަމަ މަރާލަން ޖެހޭނީ ރައީސް މުއިއްޒު” ކަމަށް ބުނެފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭގޮތުން ރައީސް މުއިއްޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނާމެދު، ބައެއް އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ރާއްޖޭގައި ކަނޑައެޅުމަށް ބޭނުންފުޅުވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، މަސީހުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުން އެދުނީ އިތުރު ހެކި ހޯދުމަށާއި ތަހުގީގު ފުރިހަމަކުރުމަށް ބޭނުންވާތީއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *