ޚަބަރު
މާމެންދުއަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 115 ސެލޯފިންކޮޅު އަތުލައިގެންފި

ލ. މާމެންދޫއަށް ގާތްކުރި ބޯޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ 115 ސެލޯފިންކޮޅު ފުލުހުން އަތުލައިގަތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދީފިއެވެ.

ފުލުހުން މި ތަކެތި އަތުލައިގަތީ މާމެންދޫއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ބޯޓު މާމެންދޫއާ ގާތްކުރުމުން ބަލައި ފާސްކުރިއިރު، ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 115 ސެލޯފިންކޮޅު ފެނިފައިވެއެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، އަތުލައިގަތް ތަކެތީގެ ވަގުތީ ބަރުދަނުގައި 82 ގުރާމު ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ރާއްޖެ އެތެރެކުރުން މަނާ ބޭސް ގުޅަތަކެއް ގެންގުޅުމާއި، މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ބަޔަކު ހައްޔަރުކޮށްފައެވެ.

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން އަބަދުވެސް މަސައްކަތްކުރަމުންދާއިރު، މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *