ޚަބަރު
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ވިއްކާ ޑޮލަރު އިތުރުކޮށްފި

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ. މި ބަދަލާއެކު ބޭސްފަރުވާއަށްދާ ފަރާތްތަކަށް އެމީހުންގެ ހާލަތަށް ބަލައި 1،000 ޑޮލަރުން ފެށިގެން 2،000 ޑޮލަރާ ހަމައަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން މިހާރު ރާއްޖޭން ބޭރަށްދާ ބޭސް ފަރުވާގެ ދަތުރުތަކަށް ކޮންމެ މީހަކަށް ވިއްކަނީ 500 ޑޮލަރެވެ. ނަމަވެސް އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ ފަރާތްތަކަށް 2،000 ޑޮލަރު، އަދި އެންސްޕާގެ އެހީ ލިބިގެންދާ ފަރާތްތަކަށް އެންސްޕާއިން ކަނޑައަޅާ އަދަދަކަށް ގިނަވެގެން 2،000 ޑޮލަރު ލިބޭނެއެވެ. އަދި އެއްވެސް އެހީއެއް ނެތި އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް 1،000 ޑޮލަރު ލިބޭނެއެވެ.

ބޭސްފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ގަތުމަށް ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ޑޮލަރު ގަންނަން ލިބޭނީ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް، ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ. އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ ފަރާތްތަކުން ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓަރ ހުށަހަޅަންޖެހޭނެއެވެ.

އެންސްޕާގެ އެހީ ލިބިގެންދާ ފަރާތްތަކުން އެހީ ހަމަޖެހުނު ކަމުގެ ލިޔުމާއެކު، ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހެއެވެ. އަދި އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކުން ޑޮކްޓަރުގެ ލިޔުމާއި، ބައްޔާއި ބަލީގެ ހިސްޓްރީ އެނގޭނެ ލިޔުމާއި، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމުގެ ލިޔުމުގެ އިތުރުން ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހެއެވެ.

މި ބަދަލަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ބަދަލެއްކަމަށް ބެލެވެއެވެ. ޚާއްޞަކޮށް އާސަންދަ އަދި އެންސްޕާގެ އެހީގެ ދަށުން ބޭސްފަރުވާއަށްދާ ފަރާތްތަކަށް މީގެކުރިން ލިބެމުންދިޔަ އަދަދަށްވުރެ ބޮޑު އަދަދެއްގެ ޑޮލަރު ލިބުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *