ފަލަސްތީނުގެ ގައްޒާގައި ކުޑަކުދިން ބަނޑަށް މަރުވަމުންދާ މައްސަލައިގައި އަޑުއުފުލުމަށް އިސްރާ އެސޯސިއޭޝަނުން މިއަދު ހަވީރު ހިމޭން އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިސްރާ އެސޯސިއޭޝަނުން މިއަދު ހާމަކުރި ގޮތުގައި “ގައްޒާ ބަނޑަށް މަރުވަނީ” މި ނަމުގައި ބާއްވާ މި އިހުތިޖާޖަކީ އަންހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ ހިމޭން އިހުތިޖާޖެކެވެ. މި އިހުތިޖާޖު އޮންނާނީ މިއަދު ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުގައެވެ.
އިސްރާ އެސޯސިއޭޝަނުން ވަނީ މި އިހުތިޖާޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ. މިއީ ގައްޒާގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމަށާއި، އެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށް ބާއްވާ އިހުތިޖާޖެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަލަސްތީނުގެ ގައްޒާއަށް އިޒްރޭލުން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކަށް މިހާރު ވަނީ ދެ އަހަރު ފުރިފައެވެ. މި ހަމަލާތަކުގެ ސަބަބުން ގައްޒާގެ އާބާދީގެ ބޮޑު ބައެއް ވަނީ ހާލުގައި ޖެހިފައެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި އަންހެނުންނަށް ދަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެމުންނެވެ.
މި އިހުތިޖާޖަކީ ގައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ކާރިސާއަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އިސްރާ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.