ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޭސްބުކް މެދުވެރިކޮށް މަރުގެ އިންޒާރު ދިން މައްސަލައިގައި މީހަކު ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާއެވެ. މި މައްސަލައިގެ ތަހުގީގަށް 25 އަހަރުގެ އެ ޒުވާނާގެ މޮބައިލް ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލަ ތަހުގީގުކުރަން ފުލުހުން ފެށީ، ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން އޮންލައިން މީޑިއާއެއްގައި ޝާއިޢުކުރި ޚަބަރެއް ޝެއާކުރުމަށްފަހު، މަސީހު މޫސާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި “އެންމެ ފުރަތަމަ މަރާލަން ޖެހެނީ ރައީސް“ މިފަދައިން ލިޔުމާ ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިނުމަކީ ބޮޑު ކުށެކެވެ. އަދި މިފަދަ ކުށްތަކަށް ޝަރީއަތުން ސާބިތުވެއްޖެނަމަ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިދާނެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ އިތުރު މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.