“ނިއުޔޯކް ޑެކްލެރޭޝަން” އަކީ، ފަލަސްތީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަގުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އދ ގައި ކުރިއަށްގެންދިޔަ ކޮންފަރެންސްގެ ނަތީޖާ ކަރުދާސް ކަމުގައިވާ، “ނިއުޔޯކް ޑެކްލެރޭޝަން” ބަލައިގަތުމަކީ ދިވެހި ސަރުކާރުން މަރުހަބާކިޔާ ކަމެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މި ޤަރާރަކީ ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ އިސްރާއީލުން ފަލަސްތީނަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރައީސް މުއިއްޒުގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ މި ޤަރާރަކީ ފަލަސްތީނުގެ އިގްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަގުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއްކަމެވެ.
މި ޤަރާރު ބަލައިގަތުމާއެކު، ފަލަސްތީނުގެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ލިބި، އެ ޤައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.