ގޭންގު ކުށްތަކުގެ ގާނޫނު ތަންފީޒުކުރުމަށް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ‘އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް 1’ ގެ ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ގޭންގު ގާނޫނު ތަންފީޒުކުރަން ގާތްވަމުން އަންނަތީ، ގޭންގު ކްރައިމް އެންފޯސްމަންޓުން އެކަމަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މާލެއާއި ދޫނިދޫގައި ޖުލައި މަހުގެ ފަހުކޮޅުގައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ގޭންގު ކްރައިމް ސަޕްރެޝަންގެ އޮޕަރޭޝަނަލް މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުންނެވެ. މި ތަމްރީނު ދެއްވާފައިވަނީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ސްވޮޓް ޓީމުގެ ފަރާތުންނެވެ.
ތަމްރީނު ޕްރޮގްރާމުގައި ހިމެނުނު ބައިތަކުގެ ތެރޭގައި، ބޭސިކް ކްރައިސިސް ނެގޯސިއޭޝަން، ޓެކްޓިކަލް ސުވިމިންގ ޓެކްޓިކްސް، ރެޕެލިން އެންޑް ކްލައިމްބިން ސްކިލްސް، ޓެކްޓިކަލް ބްރީޗިން، ހޭންޑް ޓު ހޭންޑް ކޮމްބެޓް އަދި އެންޓްރީ އެންޑް ކްލިއަރިން ޓެކްޓިކްސް ފަދަ މުހިންމު ބައިތައް ހިމެނެއެވެ. އަދި މި ހުރިހާ ބައިތަކެއް އެކުލެވޭ ގޮތަށް ފައިނަލް ސިނާރިއޯ އެކްސަސައިޒްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އައު ގާނޫނުގެ ދަށުން، ވަކި ޖަމާއަތަކީ އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންދާނެއެވެ. މިފަދަ މައްސަލަތައް ހައިކޯޓަށް ހުށަހެޅޭނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި އެހެނިހެން ހެކިތަކާއެކު ކޮމިޝަނަރ އޮފް ޕޮލިސްގެ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށެވެ. އަދި ސިއްރު ހެކިތަކާއި އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ކްލެސިފައިޑް އިންޓެލިޖެންސްގެ ގޮތުގައި ކަނޑައެޅުމުގެ އިހުތިޔާރު ކޮމިޝަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.