ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ކުރީގެ ގާޒީ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުޙައްމަދު ޝަހީދު އައްޔަނުކުރުމަށް ނިންމާފައެވެ.
ކޯޓުތަކުގެ ބަލަދުވެރިފަރާތް ކަމުގައިވާ ޖޭއެސްސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ދެ ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ނިންމާފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، ރޭ ބޭއްވި ޖޭއެސްސީގެ 27 ވަނަ ބައްދަލުވުމުގައެވެ.
އައްޔަނުކުރެވުނު ފަނޑިޔާރުންގެ ތެރެއިން އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަމުގައި ޚިދުމަތްކުރައްވާފައިވާ ޖަމީލް ވަނީ ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައެވެ.
އަނެއް ފަނޑިޔާރު، އަލްއުސްތާޛު މުޙައްމަދު ޝަހީދަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން، ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
މި ދެ ބޭފުޅުން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރެވުމާއެކު، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.