ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ވަޑައިގެންފި އެވެ. އަމިއްލަ ދަތުރުފުޅަކަށް ވުމާއެކު، ރައީސް އޮފީހުގެ އާންމު އުސޫލާ އެއްގޮތަށް މި ދަތުރުފުޅުގެ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މި ދަތުރުފުޅަކީ ފާއިތުވި މަހު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުވެ. ފާއިތުވި މަހުގެ 29 އިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި “ދިވެހިރާއްޖެ އާއި ސިންގަޕޫރުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ”ކަމަށް ވެސް ވިދާޅުވި އެވެ.
ސިންގަޕޫރަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ގިނަ ދިވެހިން ތައުލީމާއި ސިއްހީ ފަރުވާ ހޯދުމަށް ދަތުރުކުރާ ގައުމެކެވެ. ދެ ގައުމުގެ މެދުގައި އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ވެސް ވަރަށް ބަދަހި އެވެ.