ޚަބަރު
ސީއެސްސީގެ ތިން މެންބަރުންގެ ދައުރު ހަމަވާތީ، މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ތިން މެންބަރުންގެ ދައުރު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ .

ރައީސް އޮފީހުން އަންގާރަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށް ރައީސް އޮފީހުންނެވެ.

ދައުރު ހަމަވާ މެންބަރުންގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު، މުހައްމަދު ފަރުސަތު އަދި ފާތިމަތު ޝަރީފެވެ. މި ތިން މެންބަރުން ވެސް ކޮމިޝަނަށް އައްޔަނުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 3 ވަނަ ދުވަހުއެވެ. އަދި މި އަހަރުގެ ސެޕްޓެންބަރު 3 ވަނަ ދުވަހު މި މެންބަރުންގެ ދައުރު ހަމަވާނެއެވެ.

މި ވަގުތު ކޮމިޝަނުގައި ތިއްބެވި އެހެން މެންބަރުންގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ ނައިބު ރައީސް މުޙައްމަދު މުޖުތާޒާއި، މެންބަރު ފާތިމަތު ހަބީބާއެވެ. ފާތިމަތު ހަބީބާ ކޮމިޝަނަށް އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން 4 ވަނަ ދުވަހުއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭރު މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *